ކަންފަތްކުޑަ ފަންހާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަންފަތްކުޑަ ފަންހާމަސް

ކަންފަތްކުޑަ ފަންހާމަސް(ސައިންޓިފިކް ނަން: Dendrochirus zebra)ނުވަތަ (އިނގިރޭސި ބަހުން: Zebra lionfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ތިލަ ހިސާބުން ފެންނަ 20 ސމ އަށް ބޮޑުވާ ފަންހާ މަހެކެވެ. މިބާވަތުގެ ފަންހާ މަސް އަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާނޫޅޭތީ މަހުގެ ސިފައަށް ވިސްނާ މަހުގެ ކަންފަތް ކުޑަކަން ފާހަގަކޮށް މިމަހަށް ކަންފަތްކުޑަ ފަންހާމަސް ކިޔާ ނަންދީފައިވަނީ އެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ފަންހާމަސް އަށް ވަރަށް ޝައުގުވެރިކަން ދެއެވެ. މިމަހުގެ ބުރަކަށިމަތީގައި ހުންނަނީ ވަރަށް ތޫނު އަދި އިންސާނުންނަށް ނުރައްކާތެރި ވިހައެއް އެކުލެވޭ ކަށިތަކެކެވެ. ވުމާއެކު މިމަސް ހިފާގެންގުޅޭއިރު މިކަމަށް ސަމާލުވާން ޖެހެއެވެ. މަހުގެ ކައްޓެއް ހެރިއްޖެނަމަ އެތަނެއް އަވަހަށް ހޫނު ފެނުގައި 30 މިނިޓްވަރު ބޭއްވުމުން މިވިހައިގެ އަސަރު ކެނޑިގެންދާކަމަށް ވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި13 ހަރުކައްޓާއެކު 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 6 ނުވަތަ 7 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 17 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑު ބޮލުގެ ދިގުމިނަށްވުރެ ކުޑަތަންކޮޅެއް ދިގުވާނެއެވެ.މަހުގެ ދެއަރިމައްޗާއި ބޮލުގައި ހުރަހަށް ފުޅާކޮށް ހުންނަ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ މަޑުކަށިތަކުގެ ދޭތެރޭގައި ދުލިފަށެއް އެއްކަށި އަނެއް ކައްޓާއި ގުޅިފައި ހުރެއެވެ.މަހުގެ ކަރުތާފަތުގެ ތިރީ ކަނުގައި ކަޅު ނުވަތަ ގަދަ މުށިކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެެވެ. މަހުގެ ކޮތަރިތަކުގައި ކެނޑިފައި ހުންނަ ހުދާއި ގަދަ މުށިކުލައިގެ ރޮނގުތަކެއް ހުރަހަށް ހުރެއެވެ.