ކަށިނެތް މިޔަރު

ވިކިޕީޑިއާ އިން

ކަށިނެތް މިޔަރު

ކަށިނެތް މިޔަރު (އިނގިރޭސި ބަހުން: Dalatias licha)ނުވަތަ (އިނގިރޭސި ބަހުން: Kitefin shark) އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުން ބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ. މިއީ އާންމުކޮށް މޫދުގެ އަޑިން 1800-50 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުން ތަކުގައި 37 މީޓަރުގެ އަޑިން 1800 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ލިޔެފައި ހުރެއެވެ. ނަމަވެސް އާޢްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. މިމިޔަރުގެ ރިކޯޑެއް ރާއްޖޭގައި ގާއިމް ކުރެވިފައި ވަނީ ހަމައެކަނި ލ.އަތޮޅު އިސްދޫ މަސްވެރިޔަކު ބާނަފައިވާ މިޔަރެއްގެ އަނގަ ތަހްގީގުކޮށް އޭގެ މައްޗަށް ބަލައިގެންނެވެ. އެމިޔަރު ބޭނި މީހާވެސް މީގެ ކުރިން ނުދެކޭ މިޔަރެއް ކަމުން މަހުގެ އަނގަ ރައްކާކޮށްފައި ވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ހޯދައި މިއީ ކޮންކަހަލަ މިޔަރެއްކަން ދެނެގަތީއެވެ.

މިއީ ކަށި މިޔަރު އުޅޭ ސަރަހައްދު ތަކުގައި އުޅޭ ކަށި މިޔަރާއި ވަރަށް އެއްގޮތް މިޔަރެވެ. ނަމަވެސް އުރަހަ ކައިރީގައި އެއްވެސް ކައްޓެއް ނުހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައި ދެވަނަ އަށް ހުންނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ތަންކޮޅެއް ބޮޑުވާނެއެވެ. މިޔަރުގެ ތުން ބޮލެވެ. މަތީ ތަލީގައި ހުންނަނީ ކުދި ހިމަ ތިނޯސް ޒާތުގެ ދަތްތަކެކެވެ. ދަށު ތަލީގައި ހުންނަނީ ފުޅާ ދަތްތަކެކެވެ. މިމިޔަރު ބޭނި މީހުން މިމިޔަރަށް ކިޔާފައިވަނީ ކަށިނެތް މިޔަރު އެވެ. މިމިޔަރުގެ ޢާއްމު ކާނާއަކީ ކަނޑު އަޑީގައި އުޅޭ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ. މިމިޔަރު އާއްމުކޮށް އުޅެނީ އެޓްލާންޓިކް ކަނޑާއި، މެދުތެރޭ ކަނޑުގެ ހުޅަގާއި، އިންޑިޔާ ކަނޑުގެ ހުޅަގު ސަރަހައްދު އަދި ޕެސިފިކް ކަނޑުގެ ހުޅަގު ސަރަހައްދުގައެވެ. ކަށިނެތް މިޔަރު ވިހާ ކޮންމެ ފަހަރަކު 20-10 މިޔަރު ވިހައެވެ.