ބޯކުޑަ ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޯކުޑަ ފާނަ

ބޯކުޑަ ފާނަ (ސައިންޓިފިކް ނަން: Gracila albomarginata)ނުވަތަ (އިނގިރޭސި ބަހުން: Masked grouper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ވަރަށް މަދުން ފެންނަ ފާނަ އެކެވެ. މިބާވަތުގެ ފާނަ އާއްމު ގޮތެއްގައި ދިރިއުޅެނީ 4 މީޓަރާއި 20 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ވެސް ބޭނިފައި ހުއްޓާ ނުފެންނަ މަހެކެވެ.

މަހުގެ ހަށިގަނޑާ އަޅާ ބަލާއިރު ބޯ ވަރަށް ކުޑަވާނެއެވެ. ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ވަށްކޮށެވެ.މަހުގެ މަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 14 ނުވަތަ 15 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ގަދަ ރަތްމުށި ކުލައެކެވެ. ބޮލުގައި ކަތިކޮށް ހުންނަ ގަދަ ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. ދެއަރިމަތީގައި 12 އާއި 14 އާއި ދެމެދުގެ އަދަދަކަށް ނޫކުލައެއްގެ ގުދު ރޮނގުތަކެއް މަހުގެ ހުރަހަށް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ މަޑުކަށި ތަކުގެ މަތީ ކައިރީގައާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ނާރިނގު ކުލައަކަށެވެ. މަހުގެ ނިގޫކޮޅުގައި ފަނޑު ލަފެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސމ އަށެވެ. މިއީ ކާން ރަގަޅު މަހެކެވެ. މިއީ ދިވެހި މަސްވެރިން ގިނައިން ބާނާ އުޅޭ މަހަކަށް ނުވުމާއެކު މިމަހަށް ކިޔާ ވަކިނަމެއް ނެތުމުން މަހުގެ ސިފަޔަށް ވިސްނާމިމަހަށް ބޯކުޑަ ފާނަ ކިޔާ ނަންދީފައި ވަނީ އެވެ.