ބޯޅަޖެހި ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޯޅަޖެހި ފާނަ

ބޯޅަޖެހި ފާނަ (ސައިންޓިފިކް ނަން: Anyperodon leucogrammicus)ނުވަތަ (އިނގިރޭސި ބަހުން: Slender grouper) އަކީ ހިމަ ހަށިގަނޑެއް ލިބިފައިވާ ފާނައެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަކަތަކުގެ ނިވަލުގައި ގިނައިން އުޅޭ މަހެކެވެ. ދިވެހިން ކުރާ ކެޔޮޅު ކަމުގައި ދުވާލު ބޭނޭ މަހެކެވެ. އަދި މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މަހުގެ ބޮލުގެ ދިގުމިން ފުޅާމިނަށްވުރެ ބޮޑެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ވަށްކޮށެވެ. ނިގޫފަތުގެ ކޮޅު ހުންނަނީވެސް ވަށްކޮށެވެ. މިއީ ކުލަވަރު ވަރަށް ފަސޭހައިން ބަދަލުކޮށްލާ މަހެއް ކަމުން މަހުގައި ހުންނަ ރަތްކުލައަށްދާ ލައްތަކާއި، މިލައްތަކުގެ ދޭތެރޭގައި ހުދުކޮށް ހުންނަ ރޮނގުތައް އެކިމަހުގައި ހުންނަނީ އެކިވަރަށެވެ.

ބޯޅަޖެހި ފާނައިގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11ކައްޓާއި، މަޑުކަށީގެ 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑު ކަށި ހުރެއެވެ. މަހުގެ ކުލަ އަކީ މަޑު މުށި ކުލަ އެވެ. މަހުގައި ރަތްކުލައަކަށްދާ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިތިކިތަކުގެ ތެރޭގައި މަހުގެ ދިގަށްވާގޮތަށް ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގައި ހުންނަ ތިކިތައް، މަހުގެ ބޮލާއި، ތުންކޮޅާއި، އެހެނިހެން ހިސާބުތަކުގައި ހުންނަ ތިކިތަކަށްވުރެ ގިނައިން ގާތްކޮށް ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ބުޑުދަށުގައްޔާއި، ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ދަށުގައި ވެސް ކުދިތިކިތަކެއް ހުރެއެވެ.