ރީނދޫ އުރަހަ ކަންނެލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރީނދޫ އުރަހަ ކަންނެލި (ސައިންޓިފިކް ނަން: Thunnus albacares)ނުވަތަ (އިނގިރޭސި ބަހުން: yellowfin tuna)އަކީ ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން ބޭނޭ ބާވަތެވެ. މިމަސް އާންމު ގޮތެއްގައި ކަޅުބިލަ މަސް އަދި އެހެނިހެން ކަނޑުމަހުގެ ބާވަތްތަކާއެކު އައިން ހަދައިގެން ދަތުރުކޮށް އުޅެއެވެ. މިއީ ވަރަށް ބޮޑެތިވާ ކަންނެއްޔެކެވެ. މިކަންނެލި ބޮޑެތިވީވީހެން ކަނޑުގެ އަޑިއަށް ފިނިހިސާބުތަކަށް ދަތުރުކުރެއެވެ. ވުމާއެކު ބޮޑެތި ކަންނެލި ލޭނުއަޅައިގެންނާއި، ދިރޭ އެންޖަހައިގެން ރާއްޖެއާއި ބޭރުގައުމު ތަކުގައިވެސް ބާނައި އުޅެއެވެ. މަހުގެ ކާނާއަކީ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ.

ރީނދޫ އުރަހަ ކަންނެލި ގައި ކޮންމެވެސް ވަރަކަށް ހުޅުނބު ހުރެއެވެ. މިމަހުގެ ބުރަކަށިމައްޗާއި، ބަނޑުދަށް ފަރާތުގެ ދެވަނަ ކޮތަރިބައި ވަރަށް ދިގުކޮށް ހުރެއެވެ. މަހުގެ ކަންފަތްގަނޑު މަހުގެ މަތީބައިގެ ދެވަނަ ކޮތަރިބައި ފެށިފައިވާ ހިސާބަށްވުރެ ފަހަތަށް ދިގުވެފައި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށް ފަރާތާއި، އަރިމަތީގެ ކުލައަކީ ރިހިކުލަ އެވެ. މަހުގެ އަރިމަތީގައި ހުރަހަށް ގާތްގަނޑަށް 20 ރޮނގު ފަނޑުކޮށް ފެންނަން ހުރެއެވެ. މަހުގެ ކޮތަރި ތަކުގެ ކުލައަކީ ރީނދޫ ކުލަ އެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ.