ރަސް ކޮކާމަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ރަސް ކޮކާމަސް

ރަސް ކޮކާ މަސް (ސައިންޓިފިކް ނަން: Pomacanthus imperator) ނުވަތަ އަކީ ރާއްޖޭގައި އުޅޭ ކޮކާ މަހުގެ ބާވަތްތަކުގެ ތެރެއިން ރީތި މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫންކަމުގައި ވިޔަސް ދިރޭމަސް ގެންގުޅޭ ފަރާތްތަކަށް ވަރަށް މަގުބޫލު މަހެކެވެ. މިބާވަތުގެ ބޮޑެތި މަސް އާންމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ. އަދި ފާހަގަ ކުރެވިފައިވާ ގޮތުގައި މިބާވަތުގެ މަސް އެސޮރުމެން އުޅެމުންދާ ސަރަހައްދުތަކަށް އެހެނިހެން މަސް އައުމުން ފަހާ ހަދައެވެ. މިއާއިލާގެ އެހެނިހެން ގިނަ ބާވަތްތަކެކޭ އެއްފަދައިން ރަސްކޮކާ މަހުގެ ޅަމަހާއި ބޮޑެތި މަހުގެ ކުލަ ވަރަށް ތަފާތެވެ. ޅަމަހުގެ ކުލައަކީ ނޫކުލައެވެ. އަދި މަހުގައި ހުދުކުލައިގެ ބުރުތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މިގޮތަށް ތަފާތު ކުލައެއްގައި ޅަމަސް އުޅޭކަމުގައި ވިޔަސް މައިމަސް އޭގެ އާދައިގެ މަތީން އެބާވަތުގެ އެހެނިހެން މަސްފަހާ ނޫޅޭކަން ފާހަގަކުރެވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ނުވަތަ 14 ހަރުކައްޓާއެކު 18 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 18 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ތޫނު ކައްޓެއް ހުރެއެވެ. މަހުގެ އަރިމަތީގައި ނުލާއި ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރެއެވެ. ނިގުލުގެ ކުލައަކީ ރީނދޫ ކުލައެވެ.

މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަށްކިޔާ ޢިލްމީ ނަމާ، އިގިރޭސި ނަމާ ގުޅޭގޮތަށް ރަސް ކޮކާމަސް ކިޔާ ނަންދީފައި ވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓި މީޓަރަށެވެ. މަހުގެ އާންމު ކާނާއަކީ މޫދު މަޑު އެވެ.