ރަތްގަޅި ފާނަ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ރަތްގަޅި ފާނަ

ރަތްގަޅި ފާނަ (ސައިންޓިފިކް ނަން: Epinephelus fasciatus)ނުވަތަ (އިނގިރޭސި ބަހުން: Blacktip grouper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، ހާހަލާއި ތިލަތިލައިގައި އަދި އެތެރެވަރީގެ ކަނޑުތަކުގެ އަަޑީގައި ދިރިއުޅޭ ފާނަ އެކެވެ. ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެކެވެ. މިއީ އާންމު ގޮތެއްގައި ތިލަ ހިސާބުތަކުގައި ދިރިއުޅޭ މަހެއް ކަމަށް ވެއެވެ. މިއީ ކެއުމަށް އަގަޔަށް މީރު މަހެކެވެ.

މަހުގެ ކަރުތާފަތް ހުންނަނީ ރާޅުކޮށެވެ. މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތު ކޮޅާއި ނިގޫފަތު ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ކުލަ އަކީ ނާރިނގު ކުލައެވެ. މަހުގެ ދެފަރާތުގައި ހުރަހަށް ގަދަ ރަތްކުލައިގެ ގަޅިތަކެއް ހުރެއެވެ. މިގަޅިތައް ސާފުކޮށް ފެންނަން ހުންނަނީ މަހުގެ މަތީބައިގައި އެކަންޏެވެ. މަހުގެ ބޮލުގެ މަތީބައި ހުންނަނީ ރަތް މުށި ކުލައެއްގައެވެ. މަހުގެ މަތީ ކޮތަރި ބައިގެ ހަރުކަށިތަކުގެ ދޭތެރޭ ދުލިފަށް ތަކުގެ ކޮޅުގައި ތިންކަނަން ވާގޮތަށް ހުންނަ ކަޅުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ.މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 40 ސމ އަށެވެ. ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން، މަހުގައި ހިމެނޭ ޚާއްޞަ ސިފަތަކަށް ބަލައި މިމަހަށް ރަތްގަޅި ފާނަ ކިޔާ ނަންދީފައިވަނީ އެވެ.

ގެލެރީ[އުނިއިތުރު ގެންނަވާ]