ނިގޫހުދު ކޮކާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނިގޫހުދު ކޮކާމަސް (ސައިންޓިފިކް ނަން: Centropyge flavicauda)ނުވަތަ (އިނގިރޭސި ބަހުން: White-tail angle fish)އަކީ ކޮކާ އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ކުޑަކަމަށް ބެލެވޭ މަސްތަކުގެ ތެރެއިން އެއްމަހެވެ. މިމަސް ބޮޑުވާކަމަށްވަނީ 7 ސެންޓި މީޓަރަށެވެ. އާންމު ގޮތެއްގައި މިމަސްއުޅެނީ މިބާވަތުގެ ގިނަމަސްއުޅޭ ފުންމިނަށްވުރެ ފުނުގައެވެ. މިއީ ވަރަށް ފުން ހިސާބުތަކުގައި އުޅޭ މަހަކަށްވުމާއެކު މޫދަށްއެރި އުޅޭ މީހުންނާއި ފީނާ މީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިމަސް އާންމުކޮށް އުޅެނީ 20 މީޓަރުގެ އަޑީގައެވެ. އަދި 50 މީޓަރުގެ އަޑިންވެސް މިމަސް ފެނިފައި ހުރެއެވެ.

މިބާވަތުގެ މަސް އުޅުމަށް ލޯބިކުރަނީ އަޑީގައި މުގުރިފައި ހުންނަ ގަލާއި މުރަކަ ހުންނަ ސަރަހައްދުތަކުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއްނޫނެވެ. ދިރޭމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ މަސް ގެންގުޅުމަށް ޝައުގުވެރިވެއެވެ. ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ މަސް ހިފައިގެން ބޭރުކޮށް ހަދައެވެ. މަހުގެ ކާނާއަކީ މޫދު ފެއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 ހަރުކައްޓާއެކު 15 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 17 މަޑުކަށި ހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ތޫނު ކައްޓެއް ހުރެއެވެ. މަހުގެ ކުލައަކީ މުށިނޫކުލަ އެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ވަރަށް ރީތި ނޫކުލައެކެވެ. ނިގޫފަތް ހުންނަނީ ދޮންކޮށެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަށްކިޔާ ޢިލްމީ ނަމާ އިގިރޭސި ނަމާ ގުޅޭގޮތަށް މިމަހަށް ނިގޫހުދު ކޮކާމަސް ކިޔާ ނަންދީފައި ވަނީއެވެ.