ނިދަން މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނިދަން މިޔަރު

ނިދަން މިޔަރު(އިނގިރޭސި ބަހުން: Nebrius ferrugineus)ނުވަތަ (އިނގިރޭސި ބަހުން: tawny nurse shark ) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅު ތަކާއި، ވިލުވިލުގައި ގިނައިން އުޅޭ މިޔަރެކެވެ. އެހެން ކަމުން މިއީ ކަނޑު ފަޅު ފީނައި އުޅޭ މީހުންނަށް ގިނައިން ފެންނަ މިޔަރެކެވެ. މިއީ ވަރުގަދަ ބޯ ހަންގަނޑެއް އޮންނަ ބަރުހެލި މިޔަރެކެވެ. މިމިޔަރު ނިދައިފައި އޮންނައިރު އޮންނާނީ އެސޮރުގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލާދޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ނިދަން މިޔަރުގެ މަހަކީ ކެއުމަށް ރަގަޅު މަހެކެވެ. މިއީ ގާތްގަނޑަކަށް 3މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް އާންމު ގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑު މިނަކީ 2.5 މީޓަރެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަނޑަކަށް 40 ސެންޓިމީޓަރު ހުރެއެވެ.

ނިދަން މިޔަރުގެ ކާނާ އަކީ ހިޔަލަ، އިހި، ކަކުނި، މުރަކަ، ބޯވަ، ބޯވަ ދިލަމަސް، އަދި ކުދިމަހެވެ. ނިދަން މިޔަރުގެ ކުލައަކީ މުށި ކުލައެވެ.ބަނޑުދަށް ފަރާތުގެ ކުލަ ބުރަކަށި މަތީގައި ހުންނަ މުށި ކުލައަށްވުރެ ފަނޑުވާނެއެވެ. އުރަހަ ތައް ހުންނާނީ އަޅި ކުލައެއްގައެވެ. މިބާވަތުގެ މިޔަރުގެ އުރަހަ އަކީ މިޔަރު އުރަހައިގެ ވިޔަފާރީގައި ބޭނުންކޮށް އުޅޭ އުރަހަ އެކެވެ.

ނިދަން މިޔަރަށް ލިބިފައި އިންނަނީ ކުޑަ އަނގައެކެވެ. އަދި ދަތްތައް ހުންނަނީ ފުނާގެ ދަތްތައް ހުންނަ ގޮތަށް ހިމަ ދިގުކޮށް ކުދިކޮށެވެ. ނިދަން މިޔަރު ނިގޫފަތް ގަނޑު މިޔަރުގެ ސައިޒާއި އަޅާބަލާއިރު ކުޑަކަން ފާހަގަވާނެއެވެ.

އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]