ހޮނޑެލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހޮނޑެލި

ހޮނޑެލި(ސައިންޓިފިކް ނަން: Spratelloides delicatulus)ނުވަތަ (އިނގިރޭސި ބަހުން: Blue sprat) އަކީ ދިވެހި މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ބާވަތެކެވެ. ރާއްޖޭގެ ވަރަށް ގިނަ ފަރުފަރާއި ފަޅުފަޅަށް ހޮނޑެލި އަރައެވެ. ހޮނޑެއްޔަކީ ގިނަ ފަހަރަށް ރެއްސަށްވުރެ ތިލައިގައި އުޅޭ ވަރަށް ފަސޭހައިން އެންދަލުގައި ދެމޭ މަހެކެވެ. ދިވެހި މަސްވެރިކަމުގައި ރެއްސާއި އެއްގޮތަށް ހޮނޑެއްޔަކީ ވެސް ގިނައިން ދަމަންޖެހޭ އެމެކެވެ. ސަބަބަކީ އެންއޮޑީގައި ދިރުވާފައި ތިބޭއިރު އަވަހަކަށް މަރުވާ މަހެކެވެ. ފަޅުމައްޗަށް ހޮނޑެލި އަރާ ދުވަސްވަރު ވަރަށް ގިނައިން އަރާއުޅޭ މަހެކެވެ. އަދި ފަސޭހަކަމާއެކު ދިވެހި މަސްވެރިންނަށް ދެމޭވެސް މެއެވެ. އާންމުކާނާއަކީ ކުދި ފަނިފަކުސައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ހޮނޑެއްޔަކީ ހިމަދިގުކޮށް ހުންނަ މަހެކެވެ. އެންމެ ބޮޑުވަނީ 7 ސމ އަށެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. މަހުގެ ބަނޑުދަށާއި އަރިމަތީގެ ކުލައަކީ ރިހިކުލައެކެވެ. މަހުގެ މަތީ ކޮތަރިބައި ހުންނަނީ މަހުގެ މެދެއްހާ ހިސާބުގައެވެ. ހޮނޑެލީގެ ބަނޑުދޮށް އޮމާންވާނެއެވެ. މަހުގެ ހުޅުނބުތައް ތުނިވެފައި ފަސޭހައިން ވަކިވެދެއެވެ.