ހުރާގޭ ދަރިކޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހުރާގޭ ދަރިކޮޅުގެ އަސްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އަޅުއްވާފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. އޭގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ކުރައްވާފައި ވެއެވެ.

މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާ ގޮތުގައި ހުރާގޭ ދަރިކޮޅު ފެށެނީ ހުރާގައި ދިރިއުޅުއްވި ދޮންމަރުދުރު އާއި ހަމައިންނެވެ. މިދޮންމަރުދުރު އަށް ތަފާތު ނަންތައް ކިޔައިއުޅެއެވެ. އެގޮތުން، ފަނޑިއަތްކަލޯ، ބޮޑު ފަނޑިއަތްކަލޯ، ވަޑިޔައިކަލޭގެ ފަދަ ނަންތައް ހިމެނެއެވެ. އަދި ކުރިއަށް ދޮންމަރުދުރު ކިޔާފައި އަދި ނުކިޔައި، ފަނޑިއަތް ތަކުރުފާނު، ފަނޑިއްކަލޭގެފާނު، ދަހަރާ ފަނޑިއަތް ކަލޭގެފާނު މިހެންވެސް ކިޔާފައި ވެއެވެ.

ދޮންމަރުދުރު ފަނޑިއްކަލޭގެފާނު ބައްޕާފުޅަކީ ބެހިގެން އައި ފަރަންސޭސި ނަވެއްގެ ޑޮން ލުއީ ނަމަކަށްކިޔޭ އޮފިސަރެއް ކަމަށް ވެއެވެ. ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުން ޑޮން ލަވީޒް އަދި ޑޮން މާލަވީޒް އަކީ ސުލްޠާން ޙަސަން (ނުވަވަނަ) ގެ އަންހެން ބޭފުޅެއްގެ ދަރިންނެވެ. މިދޮން ލުއީ ނުވަތަ ދޮން މާލަވީޒް އާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ތާރީޚްގައި ލިޔެފައި ވެއެވެ.

ހުރާގޭ ދަރިކޮޅުގެ ފެށުން ކަމުގައި ބެލެވޭ ހުރާ ދޮންމަރުދުރު ފަނޑިއަތް ކަލޭގެ އަށް 4 ފިރިހެން ކުދިން ލިބިލެއްވި އެވެ. އޭގެ ތެރެއިން އިބްރާހީމް އެދުރު ތަކުރުފާނު އަށް ލިބިލެއްވި ދެފިރިހެން ދަރިންނަކީ ހުރާ ދޮން މުޙައްމަދު ތަކުރުފާނު އާއި، ހުރާ ޢަލީ ބޮޑު މުރީދު ތަކުރުފާނު އެވެ. އޭނާ އުޅުއްވި ގެއަކީ ހުރާ މުރީދު ގެއެވެ. އެދުވަސްވަރުން ފެށިގެން ހުރާގައި މުރީދު ގެއަކާއި ގަނޑުވަރު ކިޔާ އިމާރާތެއް ހުންނަކަމަށް ވެއެވެ. މިގަނޑުވަރަކީ ހުރާ ދޮންމަރުދުރު ފަނޑިއަތް ކަލޭގެއަށް އުފަން ޙުސައިން ދަހަރަދަ ކަލޭގެ އުޅުއްވި ގެކަމަށްވެސް ބުނެވެއެވެ. މިއީ މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންގެ ކާފާ ފުޅެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅަކީ ހުރާ ޙުސައިން ދަހަރަދަ ތަކުރުފާނުގެ މުހައްމަދު މަނިކުފާނު އެވެ. އެއީ ފާމުލަދޭރި ވަޒީރު އެވެ.

ރަސްކަންކުރެއްވި ރަސްކަލުން[އުނިއިތުރު ގެންނަވާ]

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ -މެއި 1984 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު